ދޮނެރެކެދިޔެ އާއި މުޙައްމަދު އަމީން


އަލްމަރްޙޫމާ ދޮނެރެކެދިޔެ އަކީ، ގއ. ދާންދޫ ޤަދަރުވެރި ބޭކަނބަލެކެވެ. ރައީސް މުޙައްމަދު އަމީނާ އޭނާ ބައްދަލުވީ ފަތިހަކަށް ދުނިޔެ ނޭވާލަމުންދިޔަ އަސަރުގަދަ ރެއެއްގައެވެ! އެކަން ހިނގާފައިވަނީ، ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ތެރޭގައެވެ. އެ ބައްދަލުވުމުގެ ހާދިސާއަކީ، ހުވަދުއަތޮޅުގެ ތާރީޚަށާއި މުޙައްމަދު އަމީނުގެ ޙަޔާތްޕުޅަށް ވަރަށް މުހިންމު ދަންމަރެކެވެ. އެމަނިކުފާނު ހުވަދުއަތޮޅުގައި އެޅުއްވި ބައެއް ފިޔަވަޅުތަކުގެ ސިއްރުތައް އޭގެ އަލީގައި ހާމަވެއެވެ. ދޮނެރެކެދިޔެގެ ފަޞާޙަތްތެރި ދުލަކީ، މުޙައްމަދު އަމީނަށް ހުވަދުއަތޮޅު ހުޅުވައިލަދިން ތަޅުދަނޑި ކަމުގައި ބުންޏަސް މުޅިން ދޮގަކަށް ނުވާނެއެވެ.

އެ ޖީލުގެ ވާހަކަ ކިޔައިދޭ މީހުން ކިޔައިދެއެވެ. ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅު ދާންދުއަށް ފައިބައިވަޑައިގެންނެވީ ފަތިހުގެ ވަގުތެއްގައެވެ. އޭރު އެރަށުގެ އެންމެ ބޭކަނބަލެއްގެ ދެލޯ ފިޔަވައި މުޅި އެ ރަށް އޮތީ ނިދާފައެވެ. އެ ބޭކަނބަލަކީ ދޮނެރެކެދިޔެ (ދޮންރެކިދިޔެ) އެވެ. ކޮންމެވެސް މުހުތާދެއްގައި އެ ވަގުތު އޭނާ ހުރީ އަތިރިމަތީގައެވެ. ތަޤުދީރުގެ ޙިކުމަތްތެރި ރޭއްވެވުމަކުން ބައްދަލުވާންޖެހޭ ޝަޚުޞިއްޔަތަކާ ބައްދަލުވުމަށް ނިކުމެއެވެ. އޭނާ އެތާނގައި ހުއްޓާ ހައިބަބޮޑު ފިރިހެނަކު ރަށަށް އެރުއްވިއެވެ. ފަސްނުޖެހި އެފަދަ ޝަޚުޞިއްޔަތަކާ ކުރިމަތިލުމަކީ، ދޮނެރެކެދިޔެ އަށް އެއްވެސް ކަމެއް ނޫނެވެ. އޭނާއަކީ، އެރަށު ކަތީބުގެ މައިދައިތައެވެ. އޭނާގެ ގެއަކީ، ރަށަށް އަރާފައިބާ އެންމެހައި ޤަދަރުވެރިންގެ މެހުމާންސަރާއެވެ.

މުޙައްމަދު އަމީނަށް، ދޮނެރެކެދިޔެ ފެނިވަޑައިގަތުމުން، އޭނާގެ ގާތަށް ވަޑައިގެން ރަށުގެ ޙާލުއަޙުވާލު އެއްސެވިއެވެ. އެމަނިކުފާނުގެ ހުރިހާ ސުވާލަކަށް އޭނާ ވަރަށް ފުރިހަމައަށް ޖަވާބު އަރުވަމުން ގެންދިޔައެވެ. އަދި އެމަނިކުފާނު ނާއްސަވާ ވާހަކަތައް ވެސް ދަންނަވަމުން ގެންދިޔައެވެ. އެމަނިކުފާނަށް އޭނާ ވީ، ހުވަދުއަތޮޅުގެ ނުދައްކާ ވާހަކަތަކުގެ ފޮތް ކަމުގައެވެ! އޭނާ ދެއްކި ހުރިހާ ވާހަކަތަކެއް އެމަނިކުފާނު އަޑުއެއްސެވިއެވެ.

މި ހާދިސާއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ދޮނެރެކެދިޔެ ވާހަކަދެއްކީ ދާންދޫ ބަހުން (ނުވަތަ ދާންދޫ ބަހުރުވައިން) ކަމަށް ވެފައި، އެ ހުރިހާ ވާހަކަތަކެއް ރައީސް މުޙައްމަދު އަމީނަށް ފަހުމުވެވަޑައިގެންނެވި ކަމެވެ! މިއީ، އެމަނިކުފާނަށް ހުވަދޫ ބަސް (ނުވަތަ ހުވަދޫ ބަހުރުވަ) އެނގިވަޑައިގަންނަވާ ކަމުގެ އުޖާލާ ދަލީލެކެވެ.

ބުނެވޭ ގޮތުގައި، ދޮނެރެކެދިޔެ، ރައީސް މުޙައްމަދު އަމީންގެ ކުރިފުޅުމައްޗަށް އޮއްސައިލީ، ހުވަދުއަތޮޅު އާންމު ރައްޔިތުންގެ ވިންދާއި އިޙުސާސެވެ. އޭގައި ވަނީ މާލޭގެ ބޮޑުންގެ އަނިޔާވެރިކަމާއި، ހުވަދުއަތޮޅު ކަމުވޮށިވެގެންވާ މީހުންގެ ޖައްބާރުކަމުގެ ވާހަކަތަކެވެ. އެއީ، އެ ދެބައިމީހުން ގުޅިގެން އާންމު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކުއްރާހުން ޞަފުޙާތަކެކެވެ!

އޭން އެއް ވާހަކައަކީ، ގއ. މާމެންދޫ ފިނިފެންމާގޭ ޙަސަންކަލޭގެފާނަށް، "ވޮޑެމުލާ" އެވެ، ކިޔާ ފަޅުރަށް ސަރުކާރުން ދެއްވި ވާހަކައެވެ. މި ވާހަކައަށް ދިއުމުގެ ކުރިން އެއްޗެއް ބުނެލަން އެބަޖެހެއެވެ. މި ވާހަކަ މިތާނގައި ގެނައުމުގެ ބޭނުމަކީ، އަލްމަރްޙޫމް ޙަސަންކަލޭގެފާނަށް ކުޑައިމީސްކޮށް އޭނާއާމެދު އިހާނެތި ބަހެއް ބުނުމެއް ނޫނެވެ. އެކަމަކު ތާރީޚީ ހާދިސާއެއް ބަޔާންކުރުމެވެ. މަރްޙޫމް ޙަސަންކަލޭގެފާނަކީ، އަޅުގަނޑުގެ ވަރަށް ގާތް ބޭބެއެކެވެ. އަޅުގަނޑަށް އެތައް ކަމެއް ދަސްކޮށްދެއްވި މުޙުތަރަމު އުސްތާޛެވެ. މާތް ﷲ، އޭނާގެ ފާފަތައް ފުއްސަވައި، އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!

ގއ. މާމެންދޫ ފިނިފެންމާގޭ ޙަސަންކަލޭގެފާނަށް "ވޮޑެމުލާ" ދެއްވުން ފަދަ ރައްޔިތުން ކަންބޮޑުވާ އެތައް ވާހަކަތަކެއް ދޮނެރެކެދިޔެ، ރައީސް މުޙައްމަދު އަމީނަށް ދެންނެވިއެވެ. ވޮޑެމުލާ އަކީ، އާންމު ރައްޔިތުންގެ ތެރެއިން މީހަކު ވަރަށް ބޮޑަށް ގޮވާންކޮށް ދަނޑުހައްދާފައިވާ ދަނޑުވެރި ރަށެކެވެ. އޭނާގެ އަތުން އެރަށް ވަކިކޮށް، ހުވަދުއަތޮޅު ކަމުވޮށިވެގެންވާ މީހަކަށް ސަރުކާރުގެ ވުޒާރާއަކުން ދެއްވި ދެއްވުމަކީ، ހުވަދުއަތޮޅުގެ އާންމު ރައްޔިތުން ރުހޭ ކަމެއް ނޫނެވެ. އޭރު މާލޭގައި ތިއްބެވި ސަރުކާރުގެ ބޮޑުން ވަނީ އެފަދަ އެތައް ކަންކަމެއް ކުރައްވާފައެވެ. އެ ކަންކަމުގެ ނަފާ އެމީހުންގެ ޖީބަށް އޮއްސޭނެ މަގުންނެވެ! އަލްމަރްޙޫމު ޙަސަންކަލޭގެފާނަކީ ވެސް މާލޭގެ ބޮޑުންނާ ނުހަނު ގުޅުން ބޮޑު ބޭކަލެކެވެ.

ކޮންމެއަކަސް، ދޮނެރެކެދިޔެ ދެންނެވި ވާހަކަތަކުގެ ސަބަބުން، ރައީސް މުޙައްމަދު އަމީނުގެ ކޯފާއިސްވުން އޭގެ ކުންނަށް އެރިއެވެ. އެ ރޭ ނުވަތަ އެ ފަތިހު، ގއ. ދާންދޫގެ ރައްޔިތުން ފަތިސް ނަމާދަށް ހޭލިއިރު، އެމަނިކުފާނުގެ ހިތްޕުޅު އޮތީ މަރުގެ ސަކަރާތުގައި ރޯމަހެއް ތެޅޭހެން ތެޅިތެޅިއެވެ. ރަށުގެ ކަމުވޮށިވެގެންވާ މީހުންނާ އެމަނިކުފާނާ ބައްދަލުވީ އެމީހުން ފަތިސްނަމާދުކޮށްގެން، މިސްކިތުން ފައިބައިގެން އަތިރިމައްޗަށް ދިއުމުންނެވެ. އޭރު އެހެން މީހަކު އިތުރަށް އެމަނިކުފާނުގެ އަރިހުގައި ދަންނަވާނެ އެއްޗެއް އޮތް ކަމަކަށް ނުވިއެވެ. ބުއްދި ގަދަ ތޫނު ޖިންސުލަޠީފެއްގެ ފަޞާޙަތްތެރި ދުލުން އެމަނިކުފާނަށް ވަނީ "ހުރިހާ ކަމެއް" އޮޅުންފިލާ ވަޑައިގެންފައެވެ! އެހެންކަމުން އެމަނިކުފާނު ކުރައްވަން ފެށްޓެވީ އަމުރުތަކެކެވެ! އެއީ، ފާލުންނެއްޓިފައިވާ ރައްޔިތުންގެ ވިންދުތަކަށް ވަގުތީ އަވަސް ފަރުވާއެއް ކަމުގައިވިއެވެ.

ޙަސަންކަލޭގެފާނުގެ އަތްޕުޅުން ވޮޑެމުލާ ވަކިކޮށް، އެރަށުގެ ޙައްޤުވެރިފަރާތަށް ރައްދުކުރުމަށް ރައީސް މުޙައްމަދު އަމީން އަމުރުކުރެއްވިއެވެ. ސަރުކާރުން އެ އަމުރު ތަންފީޒުކުރެއްވިއެވެ. އެހެނަސް ހަމަ އެފަދަ އެހެން ފަޅުރަށެއް، ފަރުދާގެ އަނެއް ފަރާތުން ޙަސަންކަލޭގެފާނަށް ލިބިވަޑައިގަތެވެ! އެއީ ވެސް އާންމު ރައްޔިތުންގެ ތެރެއިން މީހަކު ގޮވާންކޮށް ދަނޑު ހައްދާފައިވާ ރަށެކެވެ. ރައީސް މުޙައްމަދު އަމީނުގެ އަމުރުތައް ތަންފީޒުކުރެވެމުންދިޔައީ އެ ބީދައިން ކަމަށް ބުނެވެއެވެ. އެ އަމުރުތަކުން ރައްޔިތުންގެ ޝަކުވާތަކަށް ފުރިހަމަ ޝިފާއެއް ނުލިބުނެވެ. ކިއެއްތޯއެވެ. އެ އަމުރުތަކުގެ ސަބަބުން، ހުވަދުއަތޮޅު ކަމުވޮށިވެގެންވާ މީހުންގެ ހިތްތަކުގައި އެމަނިކުފާނުގެ މައްޗަށް ނަފުރަތާއި ރުޅިވެރިކަން އިންތިހާ ދަރަޖައަށް އުފެދުނެވެ!

ޤައުމު އޮތް ޙާލަތާއި، ޤައުމުގައި އޮތް ސަގާފަތު، ރައީސް މުޙައްމަދު އަމީނަށް މޭރުންވެވަޑައިނުގަންނަވާ ކަހަލައެވެ. ރަށްރަށުގައި ތިބި، މާލޭގެ ބޮޑުންގެ "އަތްތައް" އެމީހުންނަށް ދޫކޮށްލެވޭނެތޯއެވެ؟ ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅުގައި ހިންގެވި އިސްލާމްދީނާ ޚިލާފު ބައެއް ޢަމަލުތައް ވެސް ގުޅިފައިވަނީ ދޮނެރެކެދިޔެ އެރުވި މަޢުލޫމާތާ ކަމަށް ބެލެވެއެވެ. އެ މަޢުލޫމާތު ދޮގެއް ނޫނެވެ. ދޮނެރެކެދިޔެ އެ މަޢުލޫމާތު އެމަނިކުފާނަށް އެރުވުމަކީ ވެސް ގޯހެއް ނޫނެވެ. ބައެއް ޤަބުރު ކޮނެ، ކަށިތައް އެހެން ތަނެއްގައި ވަޅުލުމަށް އެމަނިކުފާނު ކުރެއްވި އަމުރު ވެސް އެއާ ގުޅިފައިވާ ކަމުގެ ނިޝާންތައް އެބަހުއްޓެވެ. މިފަދަ ވާހަކަތަކުގެ ތަފުޞީލަށް ހިނގައްޖެނަމަ، ބައެއް ބޭފުޅުންގެ ހިތްޕުޅަށް ނޭދެވޭ އަސަރުތައް ކޮށްފާނެތީ މިތާނގައި އެކަން ކުރާކަށެއް ނެތީމެވެ. އަދި މިހިސާބަށް، ގއ. ދާންދޫ ދޮނެރެކެދިޔެ އާއި، ރައީސް މުޙައްމަދު އަމީނުގެ ބައްދަލުވުގެ ވާހަކަ ނިންމައިލަމެވެ.

މާތް ﷲ، ދޮނެރެކެދިޔެ އާއި، މުޙައްމަދު އަމީންގެ ފާފަތައް ފުއްސަވައި، އެއިން ކޮންމެ އަޅަކަށްމެ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!