ފިރިމީހާ ފޮނުވި އަލިފާން ފޮށި


އެންމެ ފުރަތަމަ މާލެއަށް އަލިފާން ފޮށި ގެނެސްގެން އުޅުނު ދުވަސްވަރެވެ. މާލޭގައި ހުރި ރާއްޖެތެރޭ މީހަކު އޭނާގެ އަނބިމީހާއަށް އަލިފާން ފޮށްޓެއް ގަނެފައި ފޮނުވިއެވެ. އެއާއެކު ފޮނުވި ސިޓީގައި، އަލިފާންދަނޑިއެއް ރޯކުރާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައިވެއެވެ.

ފިރިމީހާ ފޮނުވި އަގުބޮޑު ހަދިޔާ ލިބުމުން އަނބިމީހާ ވަރަށް ބޮޑަށް އުފާވިއެވެ. އޭގެ ވާހަކަ އަވަށްޓެރިންނަށް ކިޔައިދިނެވެ. އެމީހުން ގެއަށް ގެނެސްގެން އެމީހުންނަށް ދެއްކުމަށްޓަކައި އަލިފާން ދަނޑިއެއް ރޯކުރަން އުޅުނެވެ. އޭނާއަށް އެކަން ނުކުރެވުމުން އަވަށްޓެރިން ވެސް އެކަން ކުރެވޭތޯ އުޅުނެވެ. ނަމަވެސް އެކަމެއް ނުކުރެވުނެވެ.

ދެން އެކަން އެންގުމަށްޓަކައި އަނބިމީހާ، ފިރިމީހާއަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައިވެ އެވެ.

"ތިބާ ފޮނުވި އަލިފާން ފޮށީގައިވާ އެއްވެސް ދަނޑިއަކުން އަލިފާނެއް ނުނިކުމެއެވެ!"

އެ ސިޓީގެ ޖަވާބުގައި ފިރިމީހާ ފޮނުވި ސިޓީގައި، އަނބިމީހާއާ ދިމާއަށް ހަބޭހަށް ބެވުމަށްފަހު ލިޔުނެވެ.

"ތިއަށްވުރެ ބޮޑު ދޮގެއް ހަދަން ނޭނގުނީ ހެއްޔެވެ؟ ތިބާ ހީކުރަނީ ތިމަންނާ އަލިފާން ފޮށްޓެއް ފޮނުވީ އޭގެ އަޖުމަ ބަލައިނުލައި ކަމަށް ހެއްޔެވެ؟ އޭގައިވާ ހުރިހައި އަލިފާންދަނޑިއެއް އަޅައި، އެއިން ކޮންމެ ދަނޑިއަކުން އަލިފާން ނިކުމޭތޯ ވާނީ ބަލާފައެވެ!"