ސުވަރުގޭގައި ހަމަހަމަ ދެމަފިރިން


ޢަރަބީންގެ ޖާހިލިއްޔަ ޒަމާނުގައި ވަރަށް މޮޅު ޅެންވެރިއަކު އުޅުނެވެ. އޭނާއަކީ، މޫނުގެ ސިފަ ވަރަށް ހުތުރު މީހެކެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އިސްލާމްދީނާއިގެން ވަޑައިގެންނެވުމުން އޭނާ އިސްލާމްވިއެވެ. އެދުވަސްވަރު އޭނާގެ ޅެންވެރިކަމުގެ ބޭނުންކޮށްގެން ކުރިއަށްދާން ބޭނުންވި ޤަބީލާއެއް ވިއެވެ. އެ ޤަބީލާގެ މީހުން، އެ ޤަބީލާގެ ރީތި ޖިންސްލަޠީފަކާ އޭނާއާ ކާވެނިކުރުވިއެވެ. އޭނާގެ ޅެންތަކުގެ މޮޅުކަމާއި، އޭނާގެ މަޝްހޫރުކަމަށްޓަކައި އެ ޖިންސްލަޠީފު ވެސް ނުހަނު ލޯތްބާއެކު އެކަން ބަލައިގަތެވެ!

އެއްދުވަހަކު އޭނާ، އޭނާގެ އަނބިމީހާގެ ގާތަށް ދިޔައިރު، އަނބިމީހާ އިނީ، މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީގައި ފުނާއަޅައި ޒީނަތްތެރިވުމަށެވެ. އެހިނދު އަނބިމީހާ އަށް އޭނާގެ ފަހަތުގައިވާ ފިރިމީހާގެ މޫނުގެ ސިފަ ފެނުމުން، ފިރިމީހާގެ ސިފަ ހުތުރުކަމުގެ ވާހަކަ ދައްކަން ފެށިއެވެ. އެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ފިރިމީހާ ބުންޏެވެ.

"ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ! ސުވަރުގޭގައި ދެމީހުން ހަމަހަމަވާނެ ކަމާމެދަކު ޝައްކެއް ނެތެވެ!"

އަނބިމީހާ ބުންޏެވެ. "ކިހިނަކުން ހެއްޔެވެ؟"

ފިރިމީހާ ބުންޏެވެ.

"ތިބާގެ ރީތިކަމަށް ތިމަންނާ ޝުކުރުވެރިވާ ފަދައިން، ތިމަންގެ ހުތުރުކަމަށް ތިބާ އެބަ ކެތްތެރިވެއެވެ. ޝުކުރުވެރިންނާއި ކެތްތެރިންނަނީ، ސުވަރުގޭގައި ހަމަހަމަވެގެންވާ ދެ ބަޔެކެވެ."