ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް


2017 ވަނަ އަހަރު، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، ކަނޑައެޅިފައިވާ މައުޟޫޢެއް ވެއެވެ. އެއީ، "ބަދަލުވަމުންދާ ޢަމަލީ ދުނިޔޭގައި އަންހެނުން: 2030 އަށް ގުރަހަ 50-50 ކުރުން" އެވެ.

"ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް" (International Women’s Day) އަކީ، އަންހެނުންގެ ޙައްޤުގައި އެކިއެކި ކަންކަމަށް ނަޒަރު ހިންގައިލެވިދާނެ ދުވަހެކެވެ. އެއިން އެއް ކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ލިބިފައިވާ ކާމިޔާބީއެވެ. އަނެއް ކަމަކީ، އަންހެނުންނާ ދެކޮޅަށް ވާންވެފައިވާ ފިކުރު ބަދަލުކޮށް، އާންމުންގެ ތެރެއިން ހިތްވަރުގަދަ އަންހެނުން ކުރާ މަސައްކަތްތަކަށް ވާގިވެރިވުމެވެ. އެ މަސައްކަތްތަކުގެ ދުވެލި ބާރުކުރުމަށްޓަކައެވެ. އެފަދަ އަންހެނުންނަކީ، އެމީހުންގެ މުޖުތަމަޢުތަކާއި، ޤައުމުތަކުގެ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ އިސްތިސްނާއީ އިސް ދައުރުތަކެއް އަދާކުރަމުންދާ ބަޔެކެވެ.

މި ފިކުރު އުފެދިގެން އަންނަނީ، 2030 އަށް (ވިހިތިރީހަށް) ކަނޑައެޅިފައިވާ (Agenda) "މަސައްކަތު ތާވަލު" ގެ ތަންފީޒީ ދުވެލި ހަލުއިކުރުމަށްޓަކައެވެ. އަދި އެކަމާގުޅޭ ބައިނަލްއަޤުވާމީ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ ޙަރަކާތް، ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށްޓަކައެވެ. ޚާއްޞަކޮށް ފަސްވަނަ ލަނޑުދަނޑިއެވެ. އެއީ، އެންމެހައި އަންހެނުންނާއި، ޒުވާން ޖިންސްލަޠީފުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެމީހުން ބާރުވެރިކޮށްދިނުމަށް އަމާޒުކޮށްގެން ކަނޑައެޅިފައިވާ ލަނޑުދަނޑިއެވެ. އަދި ހަތަރުވަނަ ލަނޑުދަނޑިއެވެ. އެއީ، އިންޞާފުވެރިކަމާއެކު، ޝާމިލު ގޮތެއްގައި އެންމެނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ކަށަވަރުކޮށްދިނުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިއެވެ. މި ކަންކަމުގައި ބޮޑަށް ބާރުއަޅަންވީ، އދ. އިން ކަނޑައަޅުއްވާފައިވާ އަންހެނުންގެ (Step It Up initiative) އިން ލާޒިމުކުރާ އާ ކަންތައްތަކުގެ މައްޗަށެވެ. އަދި ދެ ޖިންސްގެ ހަމަހަމަކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، އަންހެނުން ތަމްކީނުކުރުމާއި، އަންހެނުންގެ އިންސާނީ ޙައްޤުތަކާބެހޭ ކަންތައްތަކުގެ މައްޗަށެވެ.

2030 (ވިހިތިރީސް) ގެ ޢަމަލީ ތާވަލުގެ ތަޅުދަނޑި އަމާޒުތަކަކީ:

2030 އަންނައިރު، އެކަށީގެންވާ ތަޢުލީމީ ހެޔޮ ނަތީޖާތަކަކަށް ވާޞިލުވެތިބުމަށްޓަކައި، އިންޞާފުވެރިކަމާއެކު، ދެ ޖިންސްގެ ހުރިހާ ކުދިންނަށް ހިލޭ އިބްތިދާއީ ތަޢުލީމާއި ސާނަވީ ތަޢުލީމު ދިނުން ކަށަވަރުކުރުން.

2030 އަންނައިރު، ޅަފަތުގައި ދެ ޖިންސްގެ ކުދިންނަށް، ހެދިބޮޑުވުމާއި، އަޅާލުން ޙާޞިލުކޮށްދިނުމާއި، އިބްތިދާއީ ތަޢުލީމަށް ތައްޔާރުކޮށްދޭ ތަޢުލީމު ޙާޞިލުކޮށްދިނުން ކަށަވަރުކުރުން.

އެންމެހައި ތަންތަނެއްގައި، އެންމެހައި އަންހެނުންނާއި، އަންހެން ކުދިންނާ ދެކޮޅަށް ހިންގޭ އެންމެހައި ބާވަތްބާވަތުގެ އިމްތިޔާޒުތައް ނެއްތައިލުން.

އާންމު ވެށިވެށްޓާއި، ޚާއްޞަ ވެށިވެށީގައި، އެންމެހައި އަންހެނުންނާއި، އަންހެން ކުދިންނާ ދެކޮޅަށް ހިންގޭ އެންމެހައި ބާވަތްބާވަތުގެ އަނިޔާތައް ނެއްތައިލުން. (އެފަދަ އަނިޔާތަކުގެ ތެރޭގައި، ވަގުފާރިއާއި، ހަށިވިއްކުވުމާއި، އެ ނޫނަސް އެފަދަ އެންމެހައި ވިޔާނުދާ ޢަމަލުތަކެއް ހިމެނެއެވެ.)

ގެއްލުންދެނިވި އެންމެހައި އާދަކާދަތަކާއި ޢަމަލުތައް ނެއްތައިލުން. (އެފަދަ ކަންކަމުގެ ތެރޭގައި، ޅަފަތުގައި ކާވެނިކުރުވުމާއި، ނުރުހުމުގައި ކާވެނިކުރުވުމާއި، ދަރިމައިވުމާބެހޭ ގުނަވަންތަކުގެ ބުރުސޫރަ ކަތިލުން (އަންހެން ކުދިން ނަކަތްގެލެއްވުން) ފަދަ ޢަމަލުތައް ހިމެނެއެވެ.)

މަސައްކަތުގެ ދުނިޔެ ބަދަލުވަމުންދާއިރު، އެކަމުގެ ސަބަބުން އަންހެނުންނަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. އެއް ނަޒަރަކުން ބަލާއިރު އެކަން ގުޅިފައިވަނީ، ދުނިޔެ ބަވަނަވުމާއި، ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންޤިލާބާއި، އެއިން ޙާޞިލުވާ ފުރުޞަތުތަކާއެވެ. އަނެއް ނަޒަރަކުން ބަލާއިރު އެކަން ގުޅިފައިވަނީ، ނުރަސްމީ މަސައްކަތްތައް ގިނަވުމާއި، ދިރިއުޅުމާއި އާމުދަނީގެ މަގުތައް އިސްތިޤުރާރުނުވުމާއި، އަލަށް އުފެދޭ މާލީ އަދި ވިޔަފާރީގެ ސިޔާސަތުތަކާއި، ތިމާވެށްޓަށް ކުރަމުންދާ އަސަރުތަކާއެވެ. އެ ހުރިހައި މައްސަލަތަކަށް ޙައްލު ހޯދަންވާނީ، އަންހެނުން އިޤުތިޞާދީ ގޮތުން ތަމްކީނުކުރުމުގެ ސިޔާޤު (context) ގައެވެ.


ނޯޓް:
މިއީ، އދ. ވެބްސައިޓްގައި، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ބެހޭ ގޮތުން ޝާއިޢުކުރެވިފައިވާ ލިއުމެއް އަޞްލެއް ކަމަށް ބަލައިގެން، އޭގެ ދޭހަތަރުޖަމާއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިއުމެކެވެ. މި ލިއުމުގެ ބޭނުމަކީ، ބަވަނަވަމުންދާ ދުނިޔޭގައި، ބައިނަލްއަޤުވާމީ ފިކުރު ހުރި ގޮތް ގެނެސްދެވޭތޯ ބެލުމެވެ.


މަޞްދަރު:
http://www.un.org/en/events/womensday