އަމިއްލައަށް މަރުވާންވީ ސަބަބެއް ނެތެވެ.


އަމިއްލައަށް މަރުވުމަށް ޤަޞްދުކޮށްފީމެވެ. ޙަޔާތުގައި ވަނީ މުޅިން ވެސް މައްސަލައެވެ. ބަރުދާސްތުކުރަން ދަތި ވޭނާއި ކެކުޅުމެވެ. އެޔަކަށް އެއްވެސް ޙައްލެއް ނުލިބުނެވެ. އެޔާއެކު ދިރިއުޅެވޭނެ މަގެއް ވެސް ނުފެނުނެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މަރުވުމެވެ.

އަހަރެން ދިރިއުޅެނީ ހަތްވަނަ ފަންގިފިލާގައެވެ.
މިފަންގިފިލާގެ ކޮންމެ ކުޑަދޮރަކުން ފުންމާލިޔަސް މަރު ވާނެއެވެ.
ބިމާހަމައަށް ވާޞިލްވާއިރު ވާނީ ވާނެ އެއްޗެއް ވެ ނިމިފައެވެ.
ނަމަވެސް މަރުވުމުގެ ކުރިން ބަލަން ބޭނުންވާ އެއްޗެއް ވެއެވެ.
އެއީ، އަހަރެން ދިރިއުޅޭ ފަންގިފިލައާއި ބިމާ ދެމެދުގައިވާ އުސްމިނެވެ.
މަރުވުމުގެ ކުރިން މި ދެމެދުގައިވާ އުސްމިން ބަލަން ބޭނުމެވެ.

ދެން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކުޑަދޮރެއްގައި ވަލެއް އެއްސިއެވެ.
އެވަލުގައި ހިފަހައްޓައިގެން މިންއަޅަމުން ތިރިއަށް ފައިބަންފެށިއެވެ.
އޭނާއަކީ ހާދަހާ ތަންދޮރު ނުދަންނަ މީހެކެވެ!
މީހުން ދިރިއުޅޭ ޢިމާރާތްތަކުގެ ފަންގިފިލާތަކަށް ވެސް މަރުމޯލެކެވެ!
އެ ފަންގިފިލަތައް ހަދަނީ އެއް އުސްމިނެއްގައި ކަން ވެސް ނުދަންނަ ޖާހިލެކެވެ!

ކޮންމެއަކަސް ވަލުގައި އެލިގެން އޭނާ ހަވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ދެމަފިރިއެކެވެ.
އުފާފާގަތިކަންމަތީ ދިރިއުޅެމުންދާ ކަމަށް މަޝްހޫރު ދެމަފިރިއެކެވެ.
ނަމަވެސް އޭނާއަށް ފެނުނީ، އެދެމަފިރިން ޒުވާބުކުރާ މަންޒަރެވެ.
ދެބަސްވެ ތަޅާފޮޅާ މަންޒަރެވެ.
އޭނާގެ ހިތަށް އެރިއެވެ.
މި ދެމަފިރިންނާ ކުރިމަތިވެފައިވާ މައްސަލަތައް ހާދަހާ ގިނަގުނައެވެ!
މި ދެމަފިރިންނަކު ދުވަހަކު ވެސް އުފާވެރި ދިރިއުޅުމެއް ދުށްކަމަކަށް ނުވޭތާއެވެ!

ދެން އޭނާ ފަސްވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ޒުވާނެކެވެ.
އެއީ އަބަދުވެސް ހީނ ސަމާސާކޮށް އުޅޭ ޒުވާނެކެވެ.
ނަމަވެސް އޭނާ އެއިނީ ރުއިމުގެ ތެރެއަށް ގެނބިފައެވެ.
އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުން އެދަނީ ކަރުނައިގެ ސައިލެކެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
އެ ޒުވާނާ އެވަރަށް ހިތާމަކުރަމުން އެދަނީ ކަމެއް ނެތިއެއް ނޫނެވެ.
އޭނާއާ ކުރިމަތިވެފައިވާ މައްސަލަތަކެއްގެ ބޮޑުކަމުންނެވެ.

ދެން އޭނާ ހަތަރުވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ އަންހެނެކެވެ.
ދުޅަހެޔޮކަމަށާއި ހީވާގިކަމަށް އެންމެން ގަބޫލުކުރާ އަންހެނެކެވެ.
ނަމަވެސް އޭނާ އެއިނީ ބޭސްތަކެއް ކެއުމުގައި މަޝްޣޫލުވެގެންނެވެ.
އޭނާގެ ކައިރީގައިވާ މޭޒުމަތީގައި އެކި ބާވަތްބާވަތުގެ ބޭސްތައް ހުއްޓެވެ.
ގޭގައި ލާ ހެދުން ލައިގެން އިންނައިރު، ހާދަހާ ބަލިކަށި އަންހެނެކެވެ.
މޫނުމަތިން ވެސް ބަލިމީހެއްކަން މިއެނގެނީ މޭކަޕްނުކޮށް އިންނައިރުތާއެވެ!
މި އަންހެންމީހާ ދިރިއުޅެމުން މިގެންދަނީ ހާދަހާ ވޭނީ ދިރިއުޅުމެކެވެ!

ދެން އޭނާ ތިންވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ އިންޖިނޭރެކެވެ.
މި އިންޖިނޭރު ދަސްވެނިވި ފަހުން ފަސްއަހަރު ދުވަސް ވެއްޖެއެވެ.
ކޮންމެ ދުވަހަކު އޭނާ ހައެއްކަ ނޫސްގަނެގެން ދާތަން ފެނެއެވެ.
އޭނާ ނޫސް ގަންނަނީ ކޮން ބޭނުމަކުކަން މިއެނގުނީ މިއަދުތާއެވެ!
އޭނާ އެއިނީ ހުސްވަޒީފާތަކުގެ ޞަފުޙާތައް ވަކިކޮށްގެން އޭގެތެރެއަށް ގެއްލިފައެވެ.
ކަންބޮޑުވެ ހާސްވެފައިވާ ޙާލު، އޭނާއަށް އަދާކުރެވިދާނެ ވަޒީފާއެއް ލިބޭތޯއެވެ!

ދެން އޭނާ ދެވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ހިތްވަރުގަދަ މުސްކުޅިއެކެވެ.
އެ ބޭބެ އަބަދުމެ ހުންނަނީ އުފާފާގަތިކަންމަތީ ހިނިތުންވެފައެވެ.
ނަމަވެސް އޭނާ ގޭތެރޭގައި އެއިނީ ފުން ހިތާމައެއްގެ ތެރަށް ގެއްލިފައެވެ.
އޭނާ ބާލިޣުވެ ބޮޑުވެފައިވާ ހަތަރު އަންހެން ކުދިންގެ ބައްޕައެކެވެ.
އޭނާ ހިތާމަކުރަމުން އެދަނީ، އެއިން ކުއްޖަކާ އިންނާނެ މީހަކު ނުވެގެންނެވެ.
އެ ހަތަރު އަންހެން ކުދީންގެ ވިޔާނުދާ ދިރިއުޅުމާމެދު އެ ބައްޕަ ކުރާ ހިތާމަ ވަކީން ބޮޑެވެ!

ދެން އޭނާ ފުރަތަމަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބިއެވެ.
އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ހިތްހެޔޮ އަވަށްޓެރިއެކެވެ.
އެއީ ބުރުސޫރަ ރީތި ޒުވާން އަންހެނެކެވެ.
އަންހެން ވަންތަކަމުގެ ހުރިހައި މާނައެއް އޭނާގެ ކިބައިގައި ވެއެވެ.
ނަމަވެސް އޭނާ އެއިނީ އެކަނިމާ އެކަނި ބޭޤަރާރުވެފައެވެ.
އެސްފިޔަ ޖަހާލުމެއް ނެތި، ކުރިމަތީގައިވާ ފޮޓޯއަކަށް ބަލަހައްޓައިގެންނެވެ.
އެއީ، މީގެ ތިންއަހަރު ކުރިން މަރުވެފައިވާ އޭނާގެ ޒުވާން ފިރިމީހާގެ ފޮޓޯއެވެ!

މިހިސާބަށް ވާޞިލުވެވުމުން، އަމިއްލައަށް މަރުވުމަށް ޤަޞްދުކުރި ޒުވާނާ މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރިއެވެ. އަމިއްލައަށް މަރުވުމުގެ ކުރިން އޭނާއަށް އެހެން މީހުންގެ ދިރިއުޅުން ދެއްކެވީތީއެވެ. އޭނާގެ ޙަޔާތުގައިވާ މައްސަލަތަކަށްވުރެ މާބޮޑެތި، މާގިނަގުނަ މައްސަލަތައް އެހެން މީހުންގެ ޙަޔާތުގައި ވާކަން އެންގެވީތީއެވެ. އަދި އެއިން އޭނާގެ ހިތަށް ޢިބްރަތެއް އެކަލާނގެ ވެއްދެވީތީއެވެ.

ދެން އޭނާ ބާރަށް ވަލުގައި ހިފަހައްޓަމުން މަޑުމަޑުން ބިމަށް ފޭބި އެވެ... ހަމަބިމަށް ފޭބުނުއިރު، އޭނާގެ ޙަޔާތަކީ، އުފަލުން ފޮޅެމުންދާ ފިނިފެން މަލެއްކަން ޔަޤީންވެއްޖެއެވެ! އޭނާގެ ޙަޔާތުގައި، އަމިއްލައަށް މަރުވާންވީ އެއްވެސް ސަބަބެއް ނެތްކަން ވެސް ކަށަވަރުވެއްޖެއެވެ!