ޒަޚަމް



ޙައިރާންވަން! ... ޙައިރާންވަން! ...
ޢަރަބީން ތިބި ޙާލާމެދު ޙައިރާންވަން،
ޞިންފުން ޞިންފުން ދިރެނީ ނިކަމެތިކަން،
ބިމުގައި މިވަނީ ރަންވަންތަވި މުއްސަނދިކަން!
ޙައިރާންވަން! ...

އެހެރީ ތެޔޮ ވަޅު ވަޅު ...
މިހިރީ ތާރުން ގުޅަ ގުޅަ،
ގޮދަނާ ކަދުރާ ލިބެނީ ރިޒުގުން ރިޒުގުން ...
ޒުލްމާ އަނިޔާ އެދަނީ ކުރަމުން ކުރަމުން،
ޖަމަލު މަހާ ރޮށްޓާއި ކިރާ ...
ތެޅުމާ މެރުމާއި ޖަރީމާގެ ބިރާ،
ޢަރަބިކަރައިން ފެންނަ ތަފާތުތަކެއްތާ!

ލޮބުވެތިވި ނަބިއްޔާ ނޫރުންނޭ،
ޠާހިރު ސުންނަތް އާރާސްތުކުރެއްވީ،
އޭގެފަހުން ރިވޮލިއުޝަނަރީންނޭ ފޭރިގަތީ،
ޖަހުލާ ލަހަބުގެ އަހުލުވެރިންގެ ތެރޭން ވީ.

ހުބަލެއް ނެތް މިއަދަކު ކީރިތި ކަޢުބާގައި،
ނަމަވެސް މައި ރަށްރަށުގައި އެވަނީ ކޮން އެއްޗެއް؟
ތަޚުތަށް ވެޑުވުނު މީހުންގެ ބުދޭ ޖަހަނީ!
ނަކަލުން ... ނަކަލުން ... ބުދު ބުދު!
ޙައިރާންވަން! ... ޙައިރާންވަން! ...

ވަޙުދަތު ދަމަހައްޓާނޭ މޫތައް އެބަހުއްޓޭ،
ނަމަވެސް ބައިބައިވުން ދީނެއް ކަމުގައި ވެއްޖޭ،
އިސްތިޢުމާރުގެ ޗާޓުން ދައުލަތް ކުދިކުދި ވެއްޖޭ،
ދިދައެއް ދީފައި ...
ވޭނެއް ދީފައި ...
ޙުކުމެއް ދީފައި ...
ނިކަމެތިވެ ޖަލަށް ދާން ޝަޢުބެއް ދީފައި ...
ދޮގުބޮނޑިއެއްކަން ގައިމޭ އެއުރެން ދިޔައީ ދީފައި!
ޙައިރާންވަން! ... ޙައިރާންވަން! ...

މަކަރުގެ ދަލުގައި ޖެހުނީ ޢަރަބީން ކިހިނެއްބާ!
އެތަކެއް އަހަރެއް ...
އެތަކެއް އަހަރެއް ...
އެތަކެއް އަހަރެއް ...
ރަހަ ބަލަނީ މާޔޫސްކަމުގެ ތަށިން ވޭނާ އަނިޔާ،
ނަމަވެސް ... ނަމަވެސް ...
ޤުރުބާނުން ފުރި ތަށި ބަންޑުންވާ ހިނދުގައި،
ޒަޚަމު ނިކަން ތޫނުވެ ކަނޑިޔަށްވާ ހިނދުގައި،
ވޭނާއި އުދާހުގެ އަޑު އާހާއެކު އުފުލީމާ،
އެއުރެން ބުނަނީ އެންމެން ނެއްތައިލާށޭ!
ހުރިހައި އިރުހާބީން ކަތިލައިލާށޭ!
ދެންފަހެ، މައިދާންތަކުގައި ދަންމަޅި ޖެހިޔޭ،
ގޮނޑިކޮއްކޮ ޙުކޫމަތު، ޖަލުތައް ހެދިޔޭ،
އިރުހާބޭ ބުނެ ދަނޑުފަނގު އަންދަން ފެށިޔޭ،
ބާނު ގަހުން ޅަ ޒުވާން ގޮފިތައް ބުރިބުރިކުރިޔޭ،
އަދި އަބުޠާލުން ވެސް ފަޅިފަޅިކުރިޔޭ،
ސަހަރޯ! ... ސަހަރޯ! ...
ޒާނީންނަށް އިސްލާމީ ބިން ރަހުނުކުރީޔޭ،
މެންދުރުގެ އަލީގައި ރަށް ރަށް ބަރުބާދުކުރީޔޭ،
ވާދީތައް ލޭ ކޯރުތަކުން ފުރި ބަންޑުންވީޔޭ،
ޔަމަނާ ލުބްނާނާއި ޢިރާޤާ،
ސޫދާނާ ޞޯމާލާއި ފަލަޞްޠީނާ،
އާހުން ހާހެއް ނުދެވޭނޭހެ ފަލަސްޠީނަށް،
ހުރިހައި ބަޠަލުން ކޮށްފި ޝަހީދު ދަރިންނާ،
ކަކުލާ ހަމައަށް ދެމެމުންދާ ލޭ ކޯރު ތެރޭ،
އެއުރެންނަށް ނަޞްރެއް ލިބުމުން އުރެދުނު ރޭރޭ،
ޖާފަތްދޭން ގެނައީ ބަނގުރާ ތަށި ތަށި ޚަމްރޭ،
ޒީނަތްކުރި މާތަކަކަށް ގެނައީ ޖިންސް ލަޠީފީ ޢައުރޭ،
ނަފުރަތު ... ނަފުރަތު ...
އެއުރެންގެ ތެރޭން ވީތީ ކުރަމޭ،
ޢަރަބީންގެ ތެރޭންވީތީ ލަދުގަނެޔޭ،
މަރުވާނެ ސިކުންތާއޭ! އަވަހަށް އަންނާށޭ!
އަވަހަށް ... އަވަހަށް ...
އަހުރެން ގާތަށް އަންނާށޭ!
މާދަން ތިބެވޭނީ އަލިފާނުގެ ދަނޑުތަކުގައްޔޭ،
އަނދަމުންދާ ހިލަތަކުގެ މަތީގައްޔޭ،
އޭގެ އަޒާބަށް ކެތްވާނޭހޭ؟
އަނިޔާވެރި މައިދާނެއްގައި ދިރިއުޅެވޭނޭހޭ؟
ހިތުގައިވާ ހިމަހިމަ ނާރެއްގެ މަތީ ދެމިތިބެވޭނޭހޭ؟
އުންމީދުކުރަން ނެތިގެން ދިއުމަށް މި ހަނދާންތައް ...
އެކަމަށް ގަދަ ބާރުއަޅައި ވާ ވަރުބަލިވުންތައް ...
ނަމަވެސް ނަސަބު ހަނދާން ނެތިދާނޭހޭ އަހުރެންނަށް؟
މަންމާ ބައްޕަގެ ޒިކުރާ ނެތިދާނޭހެ ހަނދާނުން؟
އަދި ލޭގައިވާކަން ޒައްރެއް ޖީލުލްފަތުޙުން؟
އަހުރެންގެ ހަނދާނުން ނެތިދާނީ ކިހިނެއްހޭ؟
ޞަޙަރާގެ މެދުން ފާޅުވި މަޖުދާ، ނޫރާ،
އޭގެ އުޖާލާކަން ވިހުރުނުހައި ބައްރާ،
ނޫރާނީ މޭވާއިން ލިބިގެން ދިޔަ ބިއްރާ،
މަޣުރިބުގައި ޢިޝްޤުން ފެތުރުނު އުސްޠޫރާ،
އޭގައި އެކުލެވިފައިވީހައި ހާރާ،
ރޫޙުގެ ކާނާ ކަމުގައިވީ ޝިޢުރާ،
ނަސަބު ހަނދާން ނެތިދާނޭހޭ އަހުރެންނަށް؟
ޙައިރާންވަން! ... ޙައިރާންވަން! ...

ކަޅުފޮއި ރޭތައް ނެތިދާނީ ކޮންއިރަކުން؟
އަލިކަން ފެތުރޭނެ ދުވަސް އަންނާނީ ކޮންއިރަކުން؟
ތުއްތު ކުދިންގެ ލޮލުން ނޫރާނީ ހިނިތުންވުން،
ޢަރަބީންގެ ބިމުން ފެންނާނީ ފަހެ، ކޮންއިރަކުން؟
މިނިވަންވެ ވަޠަން ހިންދެމިލާނީ ވެސް ކޮންއިރަކުން؟
އަދިވެސް އުންމަތުގެ ވަށައިގެން އިސްތިޢުމާރޭ މިވަނީ،
ނަމަވެސް އޭގެ ވަބާއިން މިންޖުވެވިއްޖެ ކަމަށް ލިޔުނީ،
ކުޑައިރު ކިޔަވާދިން ދަރުސެއްގައި ވެސް އެގޮތަށް ބުނަނީ،
ތާރީޚު މުޅިން އޮޅުވާލާފައިވާކަން އެނގެމުން މިދަނީ،
މިއަދު ބެލީމާ އޭގައިވާ ދޮގުތައް ހާމަވެ ފާޅުވަނީ،
ފޮތްފޮތް ... ފޮތްފޮތް ... ފޮތްފޮތް ...
ދޮގު ދޮގު ނަޞްރުތަކުންތާ ކަޅިކޮށްފައި އެވަނީ!

ދެންދެން ... ދެންދެން ... ދެންދެން ...
ގިނިހިލައަށްވުރެ މައްޗަށް އުފުލުނު އުންމަތް،
ދެން ދެން ތެދުވާށޭ!
އަދި އުފުލާށޭ! ކެއްޗާ ހަމައަށް ހިންމަތް،
ހުރިހައި ޢަރަބީން އެކުގައި ތެދުވާށޭ!
ތިބިހައި ތަނަކުން ނުކުމެ ޝުޢޫރު ނެރޭށޭ!
ގުޑުމެއް ނެތް ޢަޒުމާ ހިތްވަރު ދައްކާށޭ!
ހުރިހައި ބާރެއް ނެރެ ރުކުރުވަމުންދާށޭ!
ގަޑުބަޑުވެފަވި ނިޒާމްތައް ފުނޑުފުނޑުކޮށްލާށޭ!
ދެން ވަރުގަދަ ފަރުބަދައެއް ހެން ކުރިމަތިލާށޭ!
އޭރުން ޖަހުލުގެ ލަޝްކަރު ގިއްގެޅިދާނޭ!
އަދި ލަހަބުގެ އަތުބާޢުން ނެތިދާނޭ!